ޙިދުމަތްތައް


އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ މަސައްކަތްތައް

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއަކީ، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއާ ގުޅިފައިވާ، އަމިއްލަ ހައިސިއްޔަތެއް ލިބިގެން ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގާ ސައިންޓިފިކް، ރެގިޔުލޭޓަރީ އަދި އެންފޯރސްމަންޓް އިދާރާއެކެވެ. މި އޭޖެންސީގެ މަސައްކަތްތައް ތިރީގައި މިވަނީއެވެ.

  1.  ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ހިމާޔަތް ކޮށްފައިވާ ތަންތަނާއި ތަކެތި ބެލެހެއްޓުމުގެ ކަންކަން ރެގިއުލޭޓުކުރުމާއި، ހިމާޔަތް ކޮށްފައިވާ ތަންތަނާއި ތަކެތި ބެލެހެއްޓުމާގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  2.  ރާއްޖޭގެ ފަޅުރަށްރަށް، ފަރު، ފަޅު، ހާ، ތިލަ، ގިރި ފަދަ ތަންތަނުގެ ޤުދުރަތީ މުއްސަނދިކަން ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށް ބެލެހެއްޓުމަށް މިނިސްޓްރީން އެކުލަވާލާ ސިޔާސަތުތަކާއި ގަވާއިދުތައް ތަންފީޒުކޮށް ހިންގުން.
  3. ރާއްޖޭގެ ތިމާވެށްޓަށް ފާހަގަކުރެވޭފަދަ ބަދަލެއް، އަތުވެދާނެ އެއްވެސް މަޝްރޫޢެއް ހިންގުމުގެކުރިން ހަދަންޖެހޭ، ތިމާވެށްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓް، ހެދުމުގެ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި، ހިންގައި ބެލެހެއްޓުން.
  4. ރާއްޖޭގެ ތިމާވެށްޓަށް ލިބޭ ގެއްލުންތައް ދިރާސާކޮށް، ރާއްޖޭގެ ތިމާވެށްޓަށް ގެއްލުން ދޭ ފަރާތްތައް ޖޫރިމަނާ ކުރުމާއި  ތިމާވެށްޓަށް ލިބޭ ގެއްލުންތަކުގެ ބަދަލު ހޯދުމުގެ ގޮތުން ތިމާވެށްޓަށް ލިބޭ ގެއްލުމުގެ އަގުމަގުކުރުމާއި، އެކަމާބެހޭ ކަންތައްތައް ހިންގުން.
  5. ރާއްޖޭގެ ރަށްރަށުގެ ވެށި ރައްކާތެރިކުރުމުގެ ގޮތުން މިނިސްޓްރީން ހަދާ ގަވާއިދުތައް ތަންފީޒުކުރުން. އަދި ތިމާވެށި ރައްކާތެރިކުރުމަށް ހެދިފައިވާ ޤާނޫނުތަކާއި، ގަވާއިދުތަކަށް އަމިއްލަ ފަރާތްތަކުންނާއި ސަރުކާރުގެ ފަރާތްތަކުން ޢަމަލުކުރަމުން ގެންދޭތޯ ބެލުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. އަދި، ކަމާބެހޭ ގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ލަފާދިނުން. 
  6. ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ހިމާޔަތް ކޮށްފައިވާ ތަންތަނާއި ދިރޭތަކެތި ބެލެހެއްޓުމުގެ ކަންކަމާގުޅޭގޮތުން ކަމާބެހޭ ފަރާތްތަކަށް ފަންނީ ލަފާ ދިނުން.
  7. ދިރޭތަކެތީގެ ނަސްލުތަކާއި މާހައުލީ ނިޒާމުތައް ރައްކާތެރިކުރުމަށްޓަކައި، އެފަދަ ދިރުންތަކާއި މާހައުލުތަކަށް ލިބިފައިވާ ގެއްލުންތައް ދެނެގަތުމަށް ހަދަންޖެހޭ އެސެސްމަންޓްތައް ހެދުމާއި، އެފަދަ ދިރުންތަކާއި މާހައުލުތަކަށް ހުރި ނުރައްކާތައް ދެނެގަނެގަތުމަށް ހަދަންޖެހޭ ރިސްކް އެސެސްމަންޓްތައް ހެދުން.
  8. ދިރޭތަކެތީގެ ނަސްލުތަކާއި އެތަކެތީގެ މާހައުލުތަކާބެހޭ ދިރާސާކޮށް، އެއްކުރެވޭ މަޢުލޫމާތާއި ތަޖުރިބާ ކަމާބެހޭ ފަރާތްތަކަށް ފޯރުވައިދިނުން. 
  9. ތިމާވެށީގެން ގޮތުން ޚާއްޞަ ގުދުރަތީ ވަސީލަތްތަކާއި އެ ވަސީލަތްތައް ހުރި ތަންތަނާއި އެ ވަސީލަތްތައް ހުރި މިންވަރު ދެނެގަތުމާއި، އެ ތަންތަނާއި ތަކެތި މެޕްކުރުމާއި، ކަމާބެހޭ ފަރާތްތަކަށް އެ މަޢުލޫމާތު ފޯރުކޮށްދިނުން.
  10. ހިމާޔަތްކޮށްފައިވާ ގަސްގަހާގެހީގެ ދަފްތަރު ބަލަހައްޓައި، މިފަދަ ގަސްގަހާގެހި ރައްކާތެރިކޮށް ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން.
  11. ދިވެހިރާއްޖޭގެ ތިމާވެށީގެ ގޮތުން ޚާއްސަ ސަރަހައްދުތައް ދެނެގަނެ އެތަންތަނާބެހޭ ދިރާސާކުރުމާއި، އެފަދަ ސަރަހައްދުތަކުގެ ދަފްތަރެއް އެކުލަވައިލުން.
  12. ދިގުމުއްދަތައް އަމާޒުކޮށްގެން ދިވެހިރާއްޖޭގެ 'ފިޒިކަލް އެންވަޔަރަންމަންޓް' ގެ މޮނިޓަރިންގެ މަސައްކަތް ކޮށް، ރާއްޖޭގެ ވައިގެ ނިޒާމާއި ފެނުގެ ނިޒާމާއި ބިންގަނޑާއި، އަދި އެންމެހައި މާހައުލީ ނިޒާމުތަކަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ ބޭސްލައިންތައް ގާއިމުކުރުން.
  13. ރާއްޖޭގެ ރަށްރަށް އުފެދި އެތަންތަނަށް އަންނަމުންދާ ބަދަލުތަކުގެ މަޢުލޫމާތު، ސެޓެލައިޓް އިމޭޖަރީއާއި އޭރިއަލް ފޮޓޯގްރަފީފަދަ ވަސީލަތްތައް ބޭނުންކޮށްގެން ހޯދައި، ޖިއޮގްރެފިކް އިންފޮމޭޝަން ސިސްޓަމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް އެމަޢުލޫމާތު ލިބޭނެ އިންތިޒާމް ހަމަޖެއްސުން. 
  14. ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތަކަށް އަންނަމުންދާ ބަދަލުތަކާއި، ރަށް ގިރުމަށް ދިމާވާ ސަބަބުތައް ދިރާސާކޮށް، އެކަންކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާބެހޭ މަޝްވަރާއާއި ލަފާދިނުން. 
  15. ރާއްޖޭގެ ރަށްރަށް ގިރުމާއި ޤުދުރަތީގޮތުންނާއި އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން ދިމާވާ ތިމާވެށީގެ މައްސަލަތަކާބެހޭ މަޢުލޫމާތުގެ އަލީގައި އެކަންކަމާމެދު އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ފަންނީ އެހީތެރިކަން ދިނުން. 
  16. ތަރައްޤީގެ މަޝްރޫޢުތައް ރޭވުމަށް ބޭނުންވާ، ތިމާވެށްޓާބެހޭ މަޢުލޫމާތު އެއްކޮށް، ކަމާބެހޭ "ނޮލެޖްބޭސް" އެއް ގާއިމުކޮށް، ބޭނުންވާ ފަރާތްތަކަށް މި މަޢުލޫމާތު ފޯރުވައިދިނުން. 
  17. ތަރައްގީގެ މަޝްރޫޢުތަކުގެ (ބިންހިއްކުމާއި، ފަޅުކޮނުމާއި، ބަނދަރުހެދުމާއި، ނެރުގޮއްވުންފަދަ) ސަބަބުން ކުރާ އަސަރުތައް ވަޒަންކޮށް މޮނިޓަރކުރުން.
  18. ތަރައްގީގެ މަޝްރޫޢުތައް (ބިންހިއްކުމާއި، ފަޅުކޮނުމާއި، ބަނދަރުހެދުމާއި، ނެރުގޮއްވުންފަދަ) ތިމާވެށްޓާ ރަހުމަތްތެރި ގޮތަކަށް ކުރެވޭނެ ގޮތްތައް ހޯދުމަށް ދިރާސާކުރުމާއި، އެއްކުރެވޭ މަޢުލޫމާތާއި ތަޖުރިބާ ކަމާބެހޭ ފަރާތްތަކަށް ފޯރުވައިދިނުން. 
  19. ޖައްވުގައި ހިމެނޭ ގޭސްތަކާއި، ދުމާއި ކުނޑިފަދަ ތަކެތީގެ މިންވަރަށް އަންނަމުންދާ ބަދަލުތައް ބަލައި، މިފަދަ މަޢުލޫމާތު އެއްކޮށް، ބަލަހައްޓައި، މިކަންކަމާގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކަށް މަޢުލޫމާތު ލިބޭނެ އިންތިޒާމް ހަމަޖެއްސުން.
  20. ރާއްޖޭގެ ތިމާވެށްޓަށް އަންނަ ކިލަނބުކަން (ޕޮލިއުޝަން) ދެނެގަތުމަށް ދިރާސާތަކާއި ތަޙުލީލުތައްކޮށް، ކަމާބެހޭ ފަރާތްތަކަށް މަޢުލޫމާތާއި، ފަންނީ ލަފަޔާއި އިރުޝާދު ދިނުން. 
  21. ޤުދުރަތީގޮތުން ނެތިފަނާވާ (ބަޔޯޑީގްރޭޑަބަލް) ކޮތަޅާ ގުޅޭގޮތުން ކަނޑައަޅާފައިވާ މިންގަނޑުތައް ތަންފީޒުކުރުން.
  22. ރާއްޖެއިން ކުނި ބޭރުކުރުމާއި، ރާއްޖެ ހުރަސްކޮށް ކުނި ގެންދިއުމަށް ދޫކުރަންޖެހޭ ހުއްދަތައް ދޫކުރުން.
  23. ބާސެލް ކޮންވެންޝަން އޮން ދި ކޮންޓްރޯލް އޮފް ޓްރާންސްބައުންޑަރީ މޫވްމަންޓް އޮފް ހެޒަރޑަސް ވޭސްޓްސް އެންޑް ދެއަރ ޑިސްޕޯސަލްގެ ދަށުން ދޫކުރަންޖެހޭ ހުއްދަތައް ދޫކުރުން.
  24. އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ މަސައްކަތު ދާއިރާއާ ގުޅޭ ސައިންޓިފިކް ދިރާސާތަކާއި ތަހުލީލުތައްކޮށް، ކަމާބެހޭ "ނޮލެޖްބޭސް" އެއް ގާއިމުކޮށް، ބަލަހައްޓައި، މި މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުން. 
  25. އެންވަޔަރަންމަންޓް ރެސްޓޮރޭޝަން ޓްރަސްޓް ފަންޑް ހިންގާ ކޮމެޓީން ނިންމާ ގޮތްތަކުގެމަތިން، އެ ފަންޑު މެނޭޖްކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރުން.